ކުޅިވަރު

ގްރޭޑް 10 ގެ އެކުވެރިކަމުގެ ހޭންޑުބޯލް މެޗު ލަންދޫ ސްކޫލަށް، ފުޓްސެލްމެޗް މާޅެންދޫ ސްކޫލަށް

16 އޮގަސްޓު 2026 371 ބަލާފައި

ލަންދޫ ސްކޫލު ގްރޭޑް 10 ގައި ކިޔަވަމުންގެންދާ ދަރިވަރުން، ކިޔެވުމަށް އިތުރަށް ޝައުގުވެރިކުރުވާ، އަވަށްޓެރި މާޅެންދޫ ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުންނާއި އެކުވެރިކަން އާލާކުރުމުގެ މަޤްޞަދުގައި ލަންދޫ ސްކޫލު ދަރިވަރުންނާއި މާޅެންދޫ ސްކޫލު ދަރިވަރުންގެ މެދުގައި އެކުވެރިކަމުގެ ހޭންޑުބޯލް މެޗަކާއި ފުޓްސެލް މެޗެއް ކުޅެވިއްޖެއެވެ.

ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މި ދެމެޗުގެ ތެރެއިން ފުރަތަމަ ކުޅެވުނު އަންހެން ދަރިވަރުންގެ ހޭންޑުބޯލް  މެޗު ލަންދޫ ސްކޫލުން ކާމިޔާބުކުރިއިރު، ފޯރިގަދަ ފުޓްސެލް މެޗު ކާމިޔާބުކޮށްފައި ވަނީ މާޅެންދޫ ސްކޫލުންނެވެ.


ދެ ސްކޫލުގެ ފަރާތުންވެސް ފޯރިގަދަ އަދި މޮޅު ކުޅުމެއް ފެނިގެންދިޔަ ހޭންޑްބޯޅަ މެޗު ލަންދޫ ސްކޫލުގެ ޓީމުން ކާމިޔާބުކޮށްފައި ވަނި  7-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ލަންދޫ ސްކޫލު ޓީމަށް ރީޝަމް 3 ލަނޑު، މީޝަމް 2 ލަނޑު އަދި ފަލަކު 1 ލަނޑު ޖަހައިދިންއިރު، މާޅެންދޫ ސްކޫލު ޓީމުގެ ލަނޑުތައް ޖަހައިދިނީ 2 ލަނޑު ޖެހި ސަޝާ އާއި 1 ލަނޑު ޖެހި ނީވާ އެވެ.

ދެވަނައަށް ކުޅެވުނު، ވަރަށް ހަލުވި އަދި ހުނަރުވެރި ކުޅުމެއް ފެނިގެންދިޔަ ފުޓްސެލް މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ މާޅެންދޫ ސްކޫލުގެ ޔަމަންއެވެ. ނަމަވެސް، މާގިނައިރުތަކެއް ނުވެ ލަންދޫ ސްކޫލުގެ އީމާން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ނަތީޖާ މާޅެންދޫ ސްކޫލުގެ ކޮޅަށް އަނބުރާލީ އެޓީމުގެ ކެޕްޓަން އާއިކު ކާމިޔާބުކުރި މޮޅު 2 ލަނޑާއެކުގައެވެ. މި މެޗު 3-1 އިން މާޅެންދޫ ސްކޫލުން ކާމިޔާބުކުރިއިރު، ދެ ސްކޫލުގައިވެސް މުސްތަގުބަލުގެ އުންމީދީ ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް ތިބިކަން ގިނަ ބަޔަކު ފާހަގަކުރިއެވެ.


ޒަމާނުއްސުރެ ލަންދޫއާއި މާޅެންދޫއަކީ އެއްބައިވަންތަ، އުޚުއްވަތްތެރި ދެރަށް ކަމަށްވާއިރު، މިއަދު ކުޅެވުނު މި މެޗުތައް ބަލާލައި، ދަރިވަރުންނަށް ސަޕޯޓުކުރުމަށްޓަކައި މާޅެންދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ލަންދޫއަށް ޒިޔާރަތްކޮށް، ދަނޑުގެ ވަށައިގެން ވަނީ އެކުވެރިކަމުގެ ރީތި ނަމޫނާއެއް ދައްކުވައިދީފައެވެ.