ބެލެނިވެރިން

ސްޕޯޓްސް މީޓަކާއި ހާއްސަ ޑިނާ ނައިޓަކާއެކު، ލަންދޫ ސްކޫލުން ބެލެނިވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

1 ޖުލައި 2026 125 ބަލާފައި

ފޯރިގަދަ ކުޅިވަރުތަކެއް ހިމެނޭ ސްޕޯޓްސް މީޓަކާއި، ހާއްސަ "ޑިނާ ނައިޓް" އެއް ބާއްވައިގެން ލަންދޫ ސްކޫލުން މިއަހަރުގެ ބެލެނިވެރިންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ލަންދޫ ސްކޫލްގެ މުވައްޒަފުން އިސްނަގައިގެން، ބެލެނިވެރިންގެ އަގުވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ތެރެއިން ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ކޮންމެ ބެލެނިވެރިއަކަށް ހާއްސަ ހަދިޔާއެއްވެސް ވަނީ ދީފައެވެ.

ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ރޭގަނޑު ކުރިއަށް ގެންދިޔައީ ބެލެނިވެރިންގެ ޝަރަފުގައި ލަންދޫ ސްކޫލްގެ މުވައްޒަފުން ތައްޔާރުކުރި ހާއްސަ ޑިނާ ނައިޓެވެ. ސްކޫލްގެ އެސެމްބްލީ އޭރިއާ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްގެން ބޭއްވި މި ޖާފަތުގެ ހުރިހާ ކަމެއް ރާވައި، އިންތިޒާމުކުރީ ސްކޫލްގެ މުވައްޒަފުން އަމިއްލައަށެވެ. މީގެ އިތުރުން، މުވައްޒަފުންގެ ފަރާތުން ބައިވެރިވި ކޮންމެ ބެލެނިވެރިއަކަށް ދިން ހަދިޔާއާއެކު، މި ހަފުލާ ވެގެންދިޔައީ ބެލެނިވެރިންނަށް ވަރަށް އުފާވެރި އަދި ހިތްހަމަޖެހުން ގެނެސްދިން ހަރަކާތަކަށެވެ.

އެއަށްފަހު އަނެއް ދުވަހުގެ ހަވީރު ބޭއްވި ފޯރިގަދަ ސްޕޯޓްސް މީޓެވެ. މި ހަރަކާތުގައި ސްކޫލްގެ ހުރިހާ ބެލެނިވެރިން ތިން ގުރޫޕަކަށް ބަހާލައިގެން، ގުރޫޕުތަކުގެ މެދުގައި ވާދަވެރި އަދި އެހާމެ މަޖާ ކުޅިވަރުތަކެއް ކުޅެފައިވެއެވެ.


މި ސްޕޯޓްސް މީޓުގައި ހިމެނުނު ކުޅިވަރުތަކުގެ ތެރޭގައި ހޫޕް ރޭސް، ބޮޑުފައިވާން ރޭސް، ދޯރި ބޯޅަ، ކަނަބަދެގެން ކާންދިނުމާއި ރީތިކުރުން، ފުއްޕާހަން ފެޅުން އަދި ބަރޯ ރޭސް ފަދަ ހިތްގައިމު ހަރަކާތްތައް ހިމެނެއެވެ. މިއީ ހަމައެކަނި މަޖާ ކުޅިވަރުތަކެއްގެ އިތުރުން، ބެލެނިވެރިންނަށް ކަސްރަތު ލިބޭނެ ފަދަ ގޮތަކަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކެކެވެ. މި މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދި ޓީމަށް ވަނީ ހާއްސަ އިނާމެއްވެސް ދީފައެވެ.