ނ. ލަންދޫ ކައުންސިލަށް އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުން، ލަންދޫ ސްކޫލްގެ ސީނިއާ މެނޭޖްމަންޓާ ބައްދަލުކުރައްވައިފިއެވެ. އިއްޔެ ހެނދުނު 10:00 ގައި ލަންދޫ ސްކޫލްގައި ބޭއްވުނު މި ބައްދަލުވުމަކީ ސްކޫލަށް ބޭނުންވާ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ސްކޫލުގެ ފަރާތުން އިސްކޮށް ބައިވެރިވެލެއްވީ ސްކޫލުގެ ޕްރިންސިޕަލާއި، އެޑްމިނިސްޓްރޭޓަރުގެ އިތުރުން ލީޑިންގ ޓީޗަރުންނެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ލަންދޫ ސްކޫލުގެ ތަޢުލީމީ ފެންވަރު މަތިކުރުމަށާއި، ދަރިވަރުންގެ ނަތީޖާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވަނީ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވިފައެވެ. އެގޮތުން ސްކޫލުގެ ނަތީޖާ ރަނގަޅުކުރުމަށް ސްޓަޑީ ކޭމްޕްތައް ބޭއްވުމަށާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި ކޮމިޓީގެ މެންބަރުން ވަނީ ދެއްވާފައެވެ.
މީގެ ކުރީ އަހަރުތަކުގައި ކައުންސިލްގެ ފަރާތުން ސްޓަޑީ ކޭމްޕްތައް ބޭއްވުމަށް ބޮޑު ހޭދައެއް ކުރެއްވި ނަމަވެސް، މިފަހަރު ސްޓަޑީ ކޭމްޕްތަކަށް ކުރާ ޚަރަދު ކުޑަކޮށްލުމަށްފަހު އެހެނިހެން ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސްކޫލުގެ ފަރާތުން ވަނީ ކައުންސިލްގައި އެދިފައެވެ. އެގޮތުން ސްކޫލުގައި ސައިންސް ލެބެއް ތަރައްޤީކޮށްދިނުމާއި، ޓީޗަރުންގެ ތަޖުރިބާ ދަތުރުތަކެއް ހަމަޖައްސައިދިނުމުގެ އިތުރުން، ސެން ދަރިވަރުންނަށް ޚާއްޞަ ކްލާސްރޫމެއް އަޅައިދިނުމަށް ސްކޫލުން ހުށަހެޅިއެވެ. މީގެ އިތުރުން މަލްޓިޕާޕޯސް ހޯލު އިމާރާތުގައި ހުސްކޮށް އޮތްބައިގައި އިތުރު 4 ކުލާސްރޫމް ބިނާކޮށްދިނުމަށްވެސް ސްކޫލްގެ މެނޭޖްމަންޓުން ވަނީ އެދިފައެވެ.
ސްކޫލުން ހުށަހެޅި ކަންތައްތަކާ ގުޅިގެން ކައުންސިލްގެ ރައީސް ވިދާޅުވީ، ހުށަހެޅުނު ކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަންކަމަށް އިސްކަންދީގެން އެކަންތައްތައް ހަމަޖައްސަވައިދެއްވުމަށް ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މީގެ އިތުރުންވެސް، ސްކޫލަށް ކުރިމަތިވެފައިވާ އެކި އެކި ގޮންޖެހުންތަކުން އަރައިގަތުމަށާއި، ސްކޫލުގެ ކުރިއެރުމަށް ބޭނުންވާ އިތުރު އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަލަށް އިންތިޚާބުވި ކައުންސިލަރުން ވަނީ މި ބައްދަލުވުމުގައި ދެއްވާފައެވެ.