ކުޅިވަރު

ލަންދޫ ސްކޫލް ދަރިވަރުންނަށް ހޭންޑްބޯލް ތަމްރީނު ކޭމްޕެއް ފަށައިފި

11 އެޕްރީލް 2026 179 ބަލާފައި
ލަންދޫ ސްކޫލުގައި އަންހެން ދަރިވަރުންނަށް ހޭންޑްބޯލް ކުޅުމުގެ ހުނަރު ދަސްކޮށްދިނުމުގެ ގޮތުން، ލަންދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)، ލަންދޫ ކައުންސިލް އަދި ލަންދޫ ސްކޫލް ގުޅިގެން ކުރިއަށްގެންދާ ހޭންޑްބޯލް ތަމްރީނު ކޭމްޕް މިއަދު ފަށައިފިއެވެ.

މި 10 ދުވަހުގެ ކޭމްޕަކީ ކީސްޓޭޖް 1 އިން 4 އާ ހަމައަށް ހިމެނޭ އަންހެން ދަރިވަރުންނާއި ހައުސް މިސްޓްރެސްއިންނަށް ހުޅުވާލެވިފައިވާ ކޭމްޕެކެވެ.
މި ކޭމްޕްގައި ސެޝަންތައް ނަގައިދެއްވަނީ މަޝްހޫރު ކޯޗް މާއްކޮއެވެ. އޭނާގެ ފަރާތުން ކުޅުންތެރިންނަށް ހޭންޑްބޯލް ކުޅުމުގެ އަސާސީ ހުނަރުތަކާއި، ކުޅިވަރުގެ ޓެކްނިކަލް އަދި ޓެކްޓިކަލް މައުލޫމާތު ދަސްކޮށްދޭނެއެވެ. މި ސެޝަންތަކަކީ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށާއި، ކުޅިވަރަށް މުޅިން އަލަށް ނުކުންނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށްޓަކައި ހާއްސަކުރެވިފައިވާ ސެޝަންތަކެކެވެ.

ކޭމްޕްގެ ހަރަކާތްތައް ކުރިއަށް ދަނީ ހެނދުނު އަދި ހަވީރު ދެ ގަޑީގައެވެ. މި ކޭމްޕްގެ މައިގަނޑު މަގުސަދަކީ ލަންދޫގައި ހޭންޑްބޯލް ކުޅިވަރު އިތުރަށް ތަރައްޤީކޮށް، އަންހެން ކުޅުންތެރިން ބިނާކުރުމަށް އެހީތެރިވުމެވެ. މީގެ އިތުރުން، ދަރިވަރުންގެ މެދުގައި ކުޅިވަރަށް ޝައުޤުވެރިކަން އިތުރުކުރުމަށްވެސް މި ކޭމްޕް އެހީތެރިވެދޭނެކަމަށް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

10 ދުވަހުގެ މި ކޭމްޕް ނިންމާލުމުގެ ގޮތުން ހޭންޑްބޯލް މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ. މި މުބާރާތުގެ ސަބަބުން ކޭމްޕްގައި ދަސްކުރި ހުނަރުތައް އަމަލީގޮތުން ބޭނުންކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. އަދި ކުޅުންތެރިންގެ މެދުގައި ރޫހާނީ ގުޅުން ބަދަހިވެ، އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގެ ރޫޙު އާލާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

މިފަދަ ކޭމްޕްތަކަކީ ރަށު ފެންވަރުގައި ކުޅިވަރު ތަރައްޤީކޮށް، އަންހެން ކުޅުންތެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ވަރަށް މުހިންމު މަސައްކަތްތަކެކެވެ.

ގުޅުންހުރި ފޮޓޯ އަލްބަމް