ލަންދޫ ސްކޫލުން އިންތިޒާމުކޮށްގެން ބާއްވާ "ސްޕޯޓްސް ފިއެސްޓާ 2026" ގެ ފުޓްސެލް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނުތައް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.
މި ތަމްރީނުތައް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ލަންދޫ ރައްޔިތުންގެ ފުޓްބޯޅަ ދަނޑުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ލަންދޫ ސްކޫލުގެ ސްޕޯޓްސް އެސޯސިއޭޝަންގެ އިސްވެރިންނާއި، ހައުސް މިސްޓްރެސްއިންގެ އިތުރުން ތަމްރީނުތައް ކުރިއަށްގެންދާ "މީން އެކަޑަމީ"ގެ އިސްވެރިންނާއި، ބައެއް ޓްރެއިނަރުންނާއި އަދި ކޯޗުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި އަހަރުގެ ފުޓްސެލް ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލަންދޫ "މީން އެކަޑަމީ"ގެ ފަންނީ އިރުޝާދާއި ބެލުމުގެ ދަށުންނެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެސޯސިއޭޝަންގެ އިސްވެރިން ދަރިވަރުންނާ މުޚާޠަބުކޮށް ވާހަކަދައްކަވަމުން، ކުޅިވަރަކީ ހަމައެކަނި މައިދާނުގައި ކުޅެލުން ނޫންކަމަށާއި، ކުޅިވަރުގެ ތެރެއިން ކުއްޖާގެ އުޅުމާއި އަޚްލާޤަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ މި ފަދަ ހަރަކާތްތަކުގެ މުހިންމު މަގުސަދެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޕްރެކްޓިސް ގަޑިތަކުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ ހަރުދަނާ ޤަވާޢިދުތަކާއި އުސޫލުތައް ވަނީ ދަރިވަރުންނަށް އޮޅުންފިލުވައިދީފައެވެ. އެގޮތުން، ސްކޫލަށް ކިޔަވަން ނާންނަ ދަރިވަރަކަށް އެ ދުވަހެއްގެ ޕްރެކްޓިހުގައި ބައިވެރިނުވެވޭނެ ކަމާއި، ގަޑިއަށް ފަރުވާތެރިވުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި ކޯޗުންގެ ބަހަށް ކިޔަމަންނުވާ ދަރިވަރުންނާ މެދު އަމަލުކުރާނެ އުސޫލުތައް ވެސް ވަނީ ތަފްސީލުކޮށްދީފައެވެ.
ލަންދޫ ސްކޫލަކީ ދަރިވަރުންގެ ކިޔެވުމަށް ސަމާލުކަން ދިނުމާއި އެކު، ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް ވެސް ބޮޑު އިސްކަމެއްދޭ ސްކޫލެކެވެ. އެގޮތުން، މި ފުޓްސެލް މުބާރާތުގެ ތައްޔާރީތައް ފެށިއިރު، ދާދި ފަހުން އެ ސްކޫލުގައި ވަނީ ފޯރިގަދަ ހޭންޑްބޯޅަ މުބާރާތެއް ވެސް ކާމިޔާބުކަމާއެކު ބާއްވާ ނިންމާލައިފައެވެ.