ކުޅިވަރު

ކުލަގަދަ ރަސްމިއްޔާތަކާއެކު ލަންދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްސަލް މުބާރާތް ފަށައިފި

4 އޮގަސްޓު 2026 440 ބަލާފައި

ނ. ލަންދޫ ސްކޫލުގެ ދަރިވަރުންގެ މެދުގައި ބޭއްވޭ 2026 ވަނަ އަހަރުގެ އިންޓަރ ހައުސް ފުޓްސަލް މުބާރާތް، އުފާވެރި އަދި ކުލަގަދަ ރަސްމިއްޔާތަކާއެކު މިއަދު ހަވީރު ފޯރިއާއެކު ފަށައިފިއެވެ.


މި މުބާރާތަކީ ސްކޫލުގެ ތިން ހައުސް ކަމަށްވާ ރެހެންދި ހައުސް، ދޮށިމޭނާ ހައުސް އަދި ސިއްތިމާވާ ހައުސްގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކުރުމުގެ ގޮތުން ކުރިއަށްގެންދެވޭ މުބާރާތެކެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކައުންސިލްގެ ރައީސް އަޔާޒު ހުސައިން، ނައިބު ރައީސް ޢަބްދުﷲ އާރިފް، ކައުންސިލް މެންބަރު އާމިނަތު ޒާހިރާގެ އިތުރުން ސްކޫލުގެ ޕްރިންސިޕަލް ޔޫސުފް ޢަބްދުއްރަޙީމެވެ.


ކުޅިވަރުގެ އުފާވެރި މާޙައުލެއްގައި ކުރިއަށްދިޔަ މި ރަސްމިއްޔާތަށް ހައުސްތަކުގެ ބެލެނިވެރިންނާއި ދަރިވަރުން ދަނޑަށް ހާޒިރުވެފައިވަނީ ތަފާތު ފުރިހަމަ ސްޓައިލްތަކުގައި، އެކި ކުލަކުލައިގެ ހަރަކާތްތަކާއެކުގައެވެ. މުބާރާތް ރަސްމީކޮށް ފެށިގެން ދިޔައީ، މުބާރާތުގެ ހަތަރު އުމުރުފުރާ (ކީސްޓޭޖް 3 އަދި 4، ކީސްޓޭޖް 2، ކީސްޓޭޖް 1، އަދި އެލްކޭޖީ/ޔޫކޭޖީ) އަށް ޚާއްޞަކުރެވިފައިވާ ޗެމްޕިއަން ޓްރޮފީތައް، ކަނޑައެޅިފައިވާ ސްޓޭންޑްތަކުގައި މުބާރާތުގެ ޝަރަފުވެރިން ބަހައްޓަވައިދެއްވި ޚާއްޞަ ވަގުތުކޮޅުންނެވެ.


މުބާރާތް ހުޅުވުމުގެ ގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ކީސްޓޭޖް 2 ގެ ސިއްތިމާވާ ހައުސް އާއި ރެހެންދި ހައުސްއެވެ. ފޯރިގަދަ ކުޅުމަކަށްފަހު 5 ލަނޑު 3 ލަނޑުން މެޗު ކާމިޔާބުކުރީ ރެހެންދި ހައުސްއިންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ ރެހެންދި ހައުސްގެ ކެޕްޓަން އައިދިން ޢަބްދުﷲ އާރިފެވެ.


މިއަދު ކުޅެވުނު ދެވަނަ މެޗުގައި ކީސްޓޭޖް 3 އަދި 4 ގެ ބައިން ބައްދަލުކުރީ ރެހެންދި ހައުސް އާއި ސިއްތިމާވާ ހައުސްއެވެ. މި މެޗު 13 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ސިއްތިމާވާ ހައުސްއިން ވަނީ ފުރިހަމަ ކާމިޔާބީއެއް ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ސިއްތިމާވާ ހައުސްގެ ކެޕްޓަން މުޙައްމަދު އީމާންއެވެ.


މި މުބާރާތުގެ ކުޅުން މާދަމާވެސް ކުރިއަށްދާނެއެވެ. މާދަމާ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކީސްޓޭޖު 2 ގެ ސިއްތިމާވާ ހައުސް އާއި ދޮށިމޭނާ ހައުސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ ކީސްޓޭޖު 1 ގެ ސިއްތިމާވާ ހައުސް އާއި ރެހެންދި ހައުސް އެވެ. އަދި މާދަމާގެ ފަހު މެޗުގައި ބައްދަލުކުރާނީ އެލްކޭޖީ، ޔޫކޭޖީގެ ސިއްތިމާވާ ހައުސް އާއި ރެހެންދި ހައުސް އެވެ.