ކުޅިވަރު

ފޯރިގަދަ ކުޅުމަކަށްފަހު އެކުވެރިކަމުގެ ހޭންޑްބޯލް މެޗު ލަންދޫ ސްކޫލުން ކާމިޔާބުކޮށްފި

3 މެއި 2026 69 ބަލާފައި

ދެ ސްކޫލުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި ނ. ލަންދޫ ސްކޫލާއި ނ. ޅޮހީ ސްކޫލުގެ ދަރިވަރުންގެ މެދުގައި ކުޅުނު އެކުވެރިކަމުގެ ހޭންޑްބޯލް މެޗު ވާދަވެރި ކުޅުމަކަށްފަހު ލަންދޫ ސްކޫލުން ކާމިޔާބުކޮށްފިއެވެ.

ލަންދޫގައި ކުރިއަށްދިޔަ މި މެޗަކީ، ލަންދޫ ސްކޫލުގައި ދާދި ފަހުން ހިންގުނު ހޭންޑްބޯލް ކޯޗިންގ ކޭމްޕަށް ފަހު، ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްގީކުރުމުގެ ގޮތުން ބޭއްވުނު މެޗެކެވެ. މެޗު ފެށިގެން ދިޔައީ ދެ ޓީމުގެ ފަރާތުންވެސް ވަރަށް ހަލުވި އަދި ހުނަރުވެރި ކުޅުމަކާ އެކުގައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލަންދޫ ސްކޫލުގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި، 3 ލަނޑުގެ ލީޑެއް ނަގާފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޅޮހީ ސްކޫލުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި 2 ލަނޑު ޖަހައި، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން ޅޮހީ ޓީމުން ވަނީ މެޗުގެ ކުޅުން އެއްކޮށް ކޮންޓްރޯލްކޮށް، ފުލުފުލުގައި ލަނޑުތައް ޖަހައި 5-3 އަށް ސްކޯ ބަދަލުކޮށްލާފައެވެ. މި ނަތީޖާއާއެކު ލަންދޫ ސްކޫލުގެ ޓީމަށް ބޮޑު ހާސްކަމަކާ ކުރިމަތިލާން ޖެހުނެވެ.

މެޗުގެ ނަތީޖާ އަނބުރާލީ ލަންދޫ ޓީމުގެ ކޯޗު މާއްކޮގެ ރޭވުންތެރިކަމުންނެވެ. މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލަންދޫ ޓީމުން ވަނީ ގާތްގާތުގައި 3 ލަނޑު ޖަހައި، މުޅި މެޗުގެ ނަތީޖާ 6-5 އަށް ބަދަލުކޮށްލާފައެވެ. މެޗު ނިމިގެން ދިޔައީ މި ފޯރިގަދަ ނަތީޖާއާއެކު ލަންދޫ ސްކޫލް މޮޅުވެގެންނެވެ.

މި މެޗަށް ޅޮހީ ސްކޫލުގެ ދަރިވަރުން ލަންދޫއަށް އައުމުން އެ ކުދިންނަށް މަރުހަބާ ކިޔުމާއި، މެޗަށްފަހު އަލްވަދާއު ކިޔުމުގެ ހުރިހާ އިންތިޒާމުތަކެއްގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ ލަންދޫ ސްކޫލުގެ ސްކައުޓް ޓްރޫޕުންނެވެ.

ލަންދޫ ސްކޫލަކީ އަބަދުވެސް ރަށަށް ޒިޔާރަތްކުރާ މިފަދަ ޓީމުތަކަށް މަރުހަބާ ކިޔުމާއި މެހެމާންދާރީ އަދާކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ސްކޫލެއްކަން ފާހަގަކުރެވެއެވެ. މި މެޗުގެ ސަބަބުން ދެ ސްކޫލުގެ ދަރިވަރުންގެ މެދުގައި އޮތް ރަހުމަތްތެރިކަން އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށް ދެ ސްކޫލުންވެސް ގަބޫލުކުރެއެވެ.