ދަރިވަރުން

ލަންދޫ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި

11 މެއި 2026 138 ބަލާފައި

މިއަހަރުގެ ކުޑަކުދިންގެ ދުވަސް، ލަންދޫ ސްކޫލުގައި ވަރަށް ކުލަގަދަ އަދި އެހާމެ އުފާވެރި ގޮތަކަށް ފާހަގަކޮށްފިއެވެ. ދުވަހުގެ ޙަރަކާތްތައް ފެށިގެންދިޔައީ އެކަމަށްޓަކައި ބޭއްވުނު ޚާއްޞަ އެސެމްބްލީއަކުންނެވެ.

މި އެސެމްބްލީގައި ދުވަހާ ގުޅޭ ޚާއްޞަ ދުޢާއެއް ކުރުމަށްފަހު، ދަރިވަރުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދެއްކެވީ ޢައިޝަތު އާފިރާ (އަފޫ މިސް) އެވެ.  އަފޫ މިސްގެ ވާހަކަފުޅުގައި، ހުރިހާ ދަރިވަރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވިއެވެ. އަދި ދީނުގެ އެންމެ މުހިންމު އެއް ތަނބު ކަމުގައިވާ ނަމާދަށް ރައްކާތެރިވުމަށާއި، ނަމާދުކުރުމުގައި އެހެން ކުދިންނަށް ނަމޫނާ ދައްކާ ބަޔަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ކުދިންނަށް ލިބިދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުންކަން ފާހަގަކުރައްވައި، މައިންބަފައިންނަށާއި މުދައްރިސުންނަށް އަބަދުވެސް އަދަބުވެރިކަމާއެކު ކިޔަމަންތެރިވުމަށާއި، އެކަކު އަނެކަކަށް އޯގާތެރިވާ ނަމޫނާ ކުދިންތަކަކަށް ވުމަށް އާފިރާ މިސް ބާރުއެޅުއްވިއެވެ. އާފިރާ މިސްގެ ޚިޠާބު ނިންމާލެއްވީ ދަރިވަރުންގެ ކިޔެވުމުގައްޔާއި ދިރިއުޅުމުގައި ބަރަކާތްލައްވައި، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ދެއްވުން އެދި ދުޢާކުރައްވަމުންނެވެ.

އެސެމްބްލީ ނިންމާލަމުގެ ގޮތުން ކޮންމެ ދަރިވަރަކަށްވެސް ޓީޗަރުންގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ދީފައިވެއެވެ. ދުވަހުގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި ދަރިވަރުންގެ މެދުގައި ކުޅިވަރު ގޭމްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، ހުރިހާ ދަރިވަރުން ބައިވެރިވި ހަވީރުގެ ސައިފޮދެއްވެސް ވަނީ ބާއްވާފައެވެ.

ކޮންމެ އަހަރަކުވެސް ލަންދޫ ސްކޫލުން ކުލަގަދަކޮށް ފާހަގަކުރާ މި ދުވަސް މިއަހަރުވެސް ނިމިގެންދިޔައީ، ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުމާއެކު، ދަރިވަރުންނަށް އުފާވެރި އަދި ހިތްގައިމު މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުޞަތު ލިބިގެންނެވެ.