ނިމިދިޔަ ފެބްރުއަރީ / މާޗް 2026 ގައި ބޭއްވުނު އޯލެވެލް އިމްތިހާނުން "ނެޝަނަލް ޓޮޕް އެޗީވާރސް" އެވޯޑް ހާސިލްކުރި މުއާޝް ބިން މުއާވިޔަތުގެ ކާމިޔާބީ ފާހަގަކޮށް، އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި ލަންދޫ ސްކޫލުގައި ވަރަށް ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ. ސްކޫލަށް ރީތި ނަމާއި ފަޚުރު ހޯދައިދިން މުއާޝްގެ މި ކާމިޔާބީއަށްޓަކައި ސްކޫލްގެ މެނޭޖްމަންޓާއި، މުވައްޒަފުންގެ އިތުރުން ދަރިވަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުން އަދި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި އެސެމްބްލީގައި، މުއާޝްއަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޫލްގެ މުވައްޒަފުންގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ވެސް ދީފައިވެއެވެ. 3 އޭސްޓަރ، 2 އޭ، 2 ބީ އަދި އެއް ސީ ވަނީ މުއާޝް ހޯދާފައެވެ. މި އަހަރުގެ އިމްތިހާނުގައި ލަންދޫ ސްކޫލުން 5 މާއްދާއިން ފާސްވި ދަރިވަރުންގެ އިންސައްތަ އުޅެނީ 62% ގައެވެ.
މި އެސެމްބްލީގެ ޚާއްޞަ މެހްމާނެއްގެ ގޮތުން ބައިވެރިވެލެއްވީ ޏ. ފުވައްމުލައް މުހައްމަދު ޖަމާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ ހައްވާ ނާޒިމާއެވެ. އެކަމަނާ ވަނީ އެސެމްބްލީގައި ދަރިވަރުންނާ މުޚާތަބުކުރައްވައި، ތައުލީމީ ބިނާކުރުމާއި ހިތްވަރާ ގުޅޭގޮތުން ވަރަށް ޢިބްރަތްތެރި އަދި މުހިއްމު ޚިޠާބެއް ދެއްވާފައެވެ.
އެސެމްބްލީގައި ލަންދޫ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޔޫސުފް ޢަބްދުއްރަހީމް ވެސް ވާހަކަފުޅު ދައްކަވައި، މުއާޝްގެ ކާމިޔާބީ ފާހަގަކުރައްވައި ހިތްވަރު ދެއްވިއެވެ. މީގެ އިތުރުން، މުއާޝް ބިން މުއާވިޔަތު ވެސް ވަނީ އެސެމްބްލީގައި ވާހަކަދައްކައި، ސްކޫލްގެ އެހެން ދަރިވަރުންނަށް އޭނާގެ ކާމިޔާބީގެ ސިއްރުތައް ހިއްސާކޮށް، ކިޔެވުމުގައި ކުރިއަށްދާނެ ގޮތްތަކާއި ބެހޭގޮތުން އަގުހުރި ނަސޭހަތްތަކެއް ދީފައެވެ.
ލަންދޫ ސްކޫލްގެ އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ އެތައް ކާމިޔާބީތަކެއް ސްކޫލްގެ ދަރިވަރުން ހާސިލްކޮށް، ސްކޫލަށް އިތުރު ޝަރަފާއި ރީތި ނަން ހޯދައިދިނުމެވެ.