ލަންދޫ ސްކޫލްގެ "ސްޕޯޓްސް ފިއެސްޓާ 2026" ގެ ތެރެއިން ކުރިއަށްދިޔަ ހޭންޑްބޯޅަ މުބާރާތް، ރަށުގެ ތާރީޚުގައިވެސް ނުފެންނަ ފަދަ ފޯރިއަކާއެކު ވަރަށް ފެންވަރުގައި ބާއްވައި އިއްޔެ ނިންމާލައިފިއެވެ.
މި މުބާރާތަކީ ލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) ގެ ފަރާތުން އެ ރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ކޯޗިން ކޭމްޕަށް ފަހު، ދަރިވަރުންގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވުނު މުބާރާތެކެވެ.
ލަންދޫ ސްކޫލުގެ ތިން ހައުސް ކަމަށްވާ ދޮށިމޭނާ ހައުސް، ސިއްތިމާވާ ހައުސް އަދި ރެހެންދި ހައުސްގެ މެދުގައި ކުރިއަށްދިޔަ މި މުބާރާތް ބަހާލެވިފައިވަނީ ކީ-ސްޓޭޖު 1، ކީ-ސްޓޭޖު 2 އަދި ކީ-ސްޓޭޖު 3 އާއި 4 ގެ ގުރޫޕްތަކަށެވެ. ކޮންމެ ކީ-ސްޓޭޖަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމު ފައިނަލަށް ދަތުރުކުރި އިރު، މުޅި މުބާރާތުގައިވެސް ފެނިގެންދިޔައީ ބެލެނިވެރިންނާއި ދަރިވަރުންގެ ވަރަށް މަތީ ޖޯޝަކާއި ފޯރިއެކެވެ. މުބާރާތް ރާވާފައިވަނީ "ބެސްޓް ސަޕޯޓާސް ހައުސް" ހޮވާ ގޮތަށް ކަމަށްވުމުން، ހައުސްތަކުގެ ސަޕޯޓަރުންގެ ފަރާތުން އާދަޔާޚިލާފު ތަރުހީބެއް ވަނީ ފެނިގެން ގޮސްފައެވެ.
މުބާރާތުގެ ނަތީޖާތަކަށް ބަލާއިރު، ކީ-ސްޓޭޖު 1 ގެ ފައިނަލުގައި ދޮށިމޭނާ ހައުސް ބަލިކޮށް ޗެމްޕިއަންކަން ހޯދީ ރެހެންދި ހައުސްއެވެ. ކީ-ސްޓޭޖު 2 ގައި މި ދެ ހައުސް ބައްދަލުކުރި ފައިނަލް މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ދޮށިމޭނާ ހައުސްއެވެ.
މުބާރާތުގެ އެންމެ ފޯރިގަދަ މެޗަކަށް ވެގެންދިޔައީ ކީ-ސްޓޭޖު 3 އަދި 4 ގެ ދަރިވަރުންގެ މެދުގައި ކުޅެވުނު ފައިނަލް މެޗެވެ. ދޮށިމޭނާ ހައުސް އާއި ސިއްތިމާވާ ހައުސް ބައްދަލުކުރި މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ކުރި ހޯދައިގެން މި ބައިގެ ޗެމްޕިއަންކަން ހޯދީ ދޮށިމޭނާ ހައުސްއެވެ.
މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވަނަތަކަށް ދިޔަ ހައުސްތަކަށާއި ކުޅުންތެރިންނަށް މެޑަލްއާއި ޓްރޮފީ ހަދިޔާކޮށްދެއްވީ، މުބާރާތުގެ ހުރިހާ އިނާމެއްވެސް ހަދިޔާކުރެއްވި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލް މާޖިދު މޫސާ (މާއްކޮ) އާއި ލަންދޫ ސްކޫލް ހިންގެވުމާއި ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރ ފާތުމަތު ނަޒުދާ އާއި، ލަންދޫ ޑަބްލިޔު.ޑީ.ސީގެ ރައީސާ ހައްވާ ސުޖާދާ އާއި، ނައިބު ރައީސާ ލީލާ ސައީދުގެ އިތުރުން ލަންދޫ ކައުންސިލްގެ އަންހެން ދެ މެމްބަރުންނެވެ. މި ރަސްމިއްޔާތުގައި ކޯޗް މާއްކޮ ވަނީ ލަންދޫ ސްކޫލަށް ހޭންޑްބޯޅަ ކުޅުމަށް ބޭނުންވާ ބޯޅަ އާއި ކޯނު ފަދަ ތަމްރީނު ސާމާނުވެސް ހަދިޔާކުރައްވާފައެވެ.
މުބާރާތުގެ މުހިންމު ވަނަތައް:
ކީ-ސްޓޭޖު 1 ގެ އެންމެ މޮޅު ކުޅުންތެރިޔާ: އީނަލް ބިންތު އިސްމާޢިލް (ރެހެންދި ހައުސް)
ކީ-ސްޓޭޖު 2 ގެ އެންމެ މޮޅު ކުޅުންތެރިޔާ: އާމިނަތު އާލާ (ދޮށިމޭނާ ހައުސް)
ކީ-ސްޓޭޖު 3،4 ގެ އެންމެ މޮޅު ކުޅުންތެރިޔާ: މަރިޔަމް މީޝާ މުޙައްމަދު (ދޮށިމޭނާ ހައުސް)
ބެސްޓް ސަޕޯޓާސް ހައުސް (1 ވަނަ): ރެހެންދި ހައުސް އަދި ދޮށިމޭނާ ހައުސް (އެއްވަރުވެގެން)
ބެސްޓް ސަޕޯޓާސް ހައުސް (2 ވަނަ): ސިއްތިމާވާ ހައުސް
ކޮންމެ ކީ-ސްޓޭޖަކުން އެންމެ މޮޅު 7 ކުޅުންތެރިންނާއި، ފެއަރ ޕްލޭ ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހޮވައި އިނާމު ދީފައިވާ މި މުބާރާތަކީ، ލަންދޫގައި މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އެއް ކުޅިވަރު ހަރަކާތް ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ.
ގުޅުންހުރި ފޮޓޯ އަލްބަމް