2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުއާން މުބާރާތުގައި ލަންދޫ ސްކޫލްގެ ފަރާތުން ބައިވެރިވާނެ ދަރިވަރުން ހޮވުމަށާއި، އެ ދަރިވަރުން މުބާރާތަށް ތައްޔާރުކުރުމަށްޓަކައި "ޤުރުއާން ޕޫލް" އެކުލަވާލައި، ފުރަތަމަ ބުރުން ހޮވުނު ދަރިވަރުން އިޢުލާނުކޮށްފިއެވެ.
މި ޕޫލަށް ދަރިވަރުން ހޮވާފައިވަނީ މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރި 41 ދަރިވަރުންގެ މެދުގައި ބޭއްވުނު ޚާއްޞަ އޮޑިޝަނަކަށް ފަހުގައެވެ. އޮޑިޝަންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ޕޫލަށް ހޮވާފައިވަނީ އެންމެ މަތިން މާކްސް ހޯދި ދަރިވަރުންނެވެ.
ޕޫލް އެކުލެވިގެންވާ ގޮތް:
މި ޕޫލަށް ކޮންމެ އުމުރުފުރާއަކުން 4 ދަރިވަރުން ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ދަރިވަރުން ހޮވާފައިވާ އުމުރުފުރާތަކަކީ:
6 އަހަރުން ދަށް
8 އަހަރުން ދަށް
10 އަހަރުން ދަށް
12 އަހަރުން ދަށް
14 އަހަރުން ދަށް
16 އަހަރުން ދަށް
މި ޕޫލަށް ހޮވުނު ދަރިވަރުން އަތޮޅު ޤުރުއާން މުބާރާތަށް ތައްޔާރުކުރުމުގެ ގޮތުން، ޤުރުއާން ކުލަބުން އިސްނަގައިގެން ޚާއްޞަ ތަމްރީނު ގަޑިތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ގަޑިތަކުގެ ބޭނުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކޮށް، ތަޖުވީދުގެ ހަމަތަކަށް އަހުލުވެރިކުރުވުމެވެ.
ލަންދޫ ސްކޫލްގެ ފަރާތުން ވަނީ ޕޫލްގެ ފުރަތަމަ ރައުންޑުން ހޮވުނު ހުރިހާ ދަރިވަރުންނަށް މަރުޙަބާ ކިޔާފައެވެ. އަދި މި ދަރިވަރުންނަށް ކާމިޔާބީއަށް އެދި، މުބާރާތުގައި ރަށަށާއި ސްކޫލަށް ރީތި ނަމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވަނީ ހިތްވަރު ދީފައެވެ.
ގުޅުންހުރި ފޮޓޯ އަލްބަމް